ސްކޫލް ބަންދާ ގުޅިގެން ދަރަވަންދޫ އެއާޕޯޓަށް ބާރުބޮޑުވެއްޖެ

26828556_10155547617973402_1317649870_o-800x450-800x450.jpg

ދަރަވަންދޫ އެއާޕޯޓަށް ޖައްސާފައިވާ ފްލައިޓަކުން ބަޔަކު ފައިބަނީ / އީވީ ފައިލް ފޮޓޯ

މިއަދު ނިމުނު ދިރާސީ އަހަރާ ގުޅިގެން ދަރަވަންދޫ އެއާޕޯޓުން ދަތުރު ކުރާ ޕަސިންޖަރުން އިތުރުވެ، އެއާޕޯޓަށް ބާރުބޮޑުވެއްޖެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

ދަރަވަންދޫ އެއާޕޯޓްގެ މެނޭޖަރ ނާޒިމް އަބްދުއްސައްތާރު އީވީއަށް މިއަދު ވިދާޅުވީ ހުރިހާ ފްލައިޓެއް މިއަދާ، މާދަމާވެސް އަދި ކުރިޔަށް އޮތް ދުވަސްތައްވެސް ފެންނަނީ ވަރަށް ބާރުބޮޑުކޮށް ކަމަށެވެ. އޭނާ ވިދާޅުވީ އަބަދުވެސް ބިޒީކޮށް އޮންނަ ދަރަވަންދޫ އެއާޕޯޓުން މިދުވަސްކޮޅު ދުވާލެއްގެ މައްޗަށް 1500 އެއްހާ މީހުން ދަތުރުކުރާނެކަމަށެވެ.

“ދުވާލެއްގެ މައްޗަށް ފަނަރަ ސޯޅަ ފްލައިޓް އެބަ ޖައްސާ، މިއަދުވެސް މިއޮތީ ސޯޅަ ފްލައިޓް. ގެސްޓުންނާއެކު ދިވެހިންވެސް ފުދޭވަރަކަށް ގިނައިން އެބަ ދަތުރުކުރޭ. ލަފާކުރެވޭ ދުވާލަކު ފަނަރަސަތޭކައެއްހާ މީހުން އެއާޕޯޓުން ހިދުމަތް ހޯދާނެކަމަށް މިދުވަސްކޮޅު. ދުރާލާ ޖާގަ ހޯދައިގެން ނޫނީ ދަތުރު ކުރަން އުނދަގޫވާނެ މިދުވަސްކޮޅު” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސްކޫލް ބަންދާ ދިމާވި ނަމަވެސް އިތުރު ފްލައިޓްތަކެއް ބާއްވަން އެއާލައިން ތަކުން އަދި ނުވިސްނާކަމަށާ، ގަބޫލު ކުރެވޭގޮތުގައި މިހާރު އޮޕަރޭޓް ކުރާ ފްލައިޓްތަކުން އާންމުން ބޭނުންވާ ވަރަށް ޖާގަ ލިބޭނެކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ކުރިން ބުނެފައިވާގޮތުން ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ބިޒީ އަދި އެންމެ ބޮޑު ފައިދާއެއްހޯދާ އެއާޕޯޓަކީ ދަރަވަންދޫ އެއާޕޯޓެވެ. ނާޒިމް ވިދާޅުވީ މިދިޔަ އަހަރަށްވުރެ މިއަހަރު އޮޕަރޭޓް ކުރި ފްލައިޓްވެސް އިތުރުކަމަށް ތަފާސް ހިސާބުތަކުން ދައްކާކަމަށެވެ.

2012 ވަނައަހަރު ހުޅުވައި ހިދުމަތް ދޭންފެށި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ރާއްޖޭގެ ތިން އެއާލައިން ކަމުގައިވާ، މޯލްޑިވިއަން، ފްލައިމީ، އަދި މަންޓާ އެއާގެ ޝެޑިއުލް ދަތުރުތައް ކޮންމެ ދުވަހަކުވެސް އޮވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top