ކަރަންޓު ކެނޑުމުގެ ކުރިން އާންމުންނަށް އަންގާލާނެ ގޮތެއް ހަމަނެތީތޯ؟

IMG_20170715_162214-800x450-800x450-800x450-800x450.jpg

އިއްޔެއަކީ އަނެއްކާވެސް އޭދަފުށިން އިރުއިރު ކޮޅާ ކަރަންޓު ކެނޑެމުން ދިޔަ ދުވަހެކެވެ. އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ހެނދުނު 10:45 އެހާކަށް ހައިއިރު ފުރަތަމަ ފަހަރު ކަރަންޓު ކަނޑައިގެން ދިޔައިރު އެއީ އަންހެން ވެރިން ގޭތެރޭގައާއި ބަދިގޭގައި މެންދުރުގެ ކެއްކުމުގެ ކަންތަކުގައި ހާއްސަކޮށް އެންމެ ހަރަކާތް ތެރިވެ އުޅޭ ވަގުތެވެ. ކަރަންޓުގެ ބޭނުން ދުވާލު ގަނޑީގައި އެންމެ ބޮޑަށް ބޭނުން ކުރަންޖެހޭ ވަގުތުވެސް މެއެވެ.

އަންގާލުމެއް ނެތި ކަރަންޓު ކަނޑައިގެން ދިޔައީއެވެ. ހީކުރީ ޓެކްނިކަލް މައްސަލަ އެއް ދިމާވެގެން ކަމުގައެވެ. އެހެން ނޫންނަމަ ރައްޔިތުންނަށް އަންގާލާނެއެވެ. ވީގޮތެއް އޮޅުން ފިލުވާލުމަށް އިންޖީނުގެއަށް ގުޅާލާފައި ފުރަތަމަ އަހާލީ ކަރަންޓު ލިބޭނެ ވަގުތަކާ ބެހޭ ގޮތުންނެވެ. ބައިގަޑިއެއްހާ އިރު ތެރޭގައި ކަރަންޓު ލިބޭނެ ކަމަށް ބުނުމުން ދެން ހަމަ ވަރަށް ރީތިކޮށް އަހާލީ ކަރަންޓު ކެނޑުމުގެ ކުރިން އަންގާ ނުލެއްްވީ ކީއްވެގެންތޯއެވެ. މިއީ އަހައިގެން ނުވާނެ ސުވާލެއްކަން އެނގުނީ އެފަރާތުން ޖަވާބު ދިން ގޮތުންނެވެ. އޭނާވެސް ކުރީ ސުވާލެކެވެ. “މީހަކު ކުއްލިއަކަށް މަރުވާއިރު މަރުވާނީ ކޮން އިރަކުންކަން އެނގޭނެ ހެއްޔެވެ؟” މިފަދަ އިބާރާތަކެވެ. އިތުރު ވާހަކައެއް އެހުމުގެ ކުރިން ފޯނު ކަޑާލީއެވެ.

ރައްޔިތުންގެ ޚިދުމަތުގައި ރައްޔިތުންގެ ފައިސާއިން މުސާރަ ދޭ ބަޔަކު ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ ގޮތް ފެނަކަ، އޭދަފުށީ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފުން އެބަ ދަސްކުރަން ޖެހޭކަން އެނގުނ|ީއޭނާގެ ރުންކުރު ވާހަކަތައް ހުރި ގޮތުންނެވެ.

ކަރަންޓު ކެނޑިގެން ހިނގައިދާނެއެވެ. އިންޖީނަށް ޓެކްނިކަލް މައްސަލައެއްވެސް ދިމާވެދާނެއެވެ. އެކަމަކު ކަރަންޓު ކެނޑުމަކީ އާދައިގެ ކަމެއްގެ ގޮތަށް ފެނަކައިން ދެކިގެން ނުވާނެއެވެ. މިޒަމާނުގައި މުޅި ދިރިއުޅުން އޮތީ ކަރަންޓަށް ބަރޯސާވެފައެވެ. ދިރިއުޅުމުގެ އެންމެ ޒަރޫރީ ބޭނުންތައްވެސް ކަރަންޓާ ނުލާ ފުރިހަމަ ނުވާ ގޮތަށެވެ. އެހެންވީމާ ކަރަންޓަށް މައްސަލަ އެއް ދިމާވާނަމަ އެކަން ދުރާލައި ރައްޔިތުންނަށް އެންގުމަކީ އެކަމާ ހަވާލުވެގެން އުޅޭ ފަރާތުގެ އެންމެ ބޮޑު ޒިންމާއެވެ. މިދެންނެވީ ޓެކްނިކަލް މައްސަލަ އެއް ދިމާވެގެން ކަރަންޓް ކެނޑޭ ފަހަރުތަކުގެ ވާހަކަ އެއް ނޫނެވެ. އެފަދަ ހާލަތްތަކުގައި އެކަން އެންގޭނެ ގޮތެއް ނޯންނާނެކަން އެންމެންވެސް ގަބޫލު ކުރެއެވެ. އެކަމަކު އިއްޔެ ފަދައިން އިރު އިރުކޮޅާ ކަރަންޓު ކެނޑޭއިރު ރައްޔިތުންނަށް އެކަން އަންގަން ޖެހޭނެއެވެ. އެހެންނޫނީ ގޭގައި ގެންގުޅޭ އިލްކްޓްރޯނިކް ސާމާނުތައް އިންޒާރަކާ ނުލާ ހަލާކުވެގެން ދަނީއެވެ. މިކަމާ ޒިންމާ ވާނެ ފަރާތެއްވެސް ނޯވެއެވެ.

އިއްޔެ ކަރަންޓް ކަނޑައިގެން ދިއުމުން އާއިލާ އަކަށް ދިމާވި މައްސަލަތައް މި ނޫހާ ހިއްސާ ކުރިއެވެ.

“އޯޑަރަށް އުފަން ދުވަހުގެ ކޭކެއް ފިހަން، އަވަނަށް ލީތާ ދިހަ މިނިޓުވެސް ނުވާނެ. އެދިޔައީ ކަރަންޓް. ދެބައި ކުޅައެއް ބަޔަށް ފިހެވިފައި އޮތް ކޭކު ބޭނުން ނުކުރެވޭ ގޮތްވީ. އެވަގުތު ފާހާނާގައި ފެންވަރަން ސައިބޯނި ލައިގެން ހުރި ފަހަރި، އެހީއަށް އެދި ގޮވަނީ. ސިޓިންގރޫމްގައި ހުރި ޓީވީއާއި ކޮޓަރީގައި ހުރި ޕީސީ އިން ކަރަންޓު ކެނޑުމުން ޓައިޕް ކުރަމުން ގެންދިޔަ މުހިއްމު ޑޮކިއުމަންޓެއް ސޭވް ނުކޮށް އުޅެނިކޮށް އެދިޔައީ. ”

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ މެންދުރަށް ބަތްކައްކަން އުދާފައިހުރި ރައިސް ކުކަރު ނިވުނީވެސް ރަނގަޅަށް ނުކެކި އުޅެނިކޮށެވެ. އެހެންވީމާ އަލުން އެކަންވެސް ކުރަން ޖެހުނީއެވެ. އިންޖީނުގެއިން މައުލޫމާތު ދިން ގޮތަށް ބައިގަޑިއިރު ފަހުން ކަރަންޓު ލިބުނެވެ. އެހެންނަމަވެސް މަދު މިނިޓް ކޮޅަކަށެވެ. ޓީވީ އޮޓޯއިން ހުޅުވިފައި ނިވިއްޖެއެވެ. އަނެއްކާވެސް ކަރަންޓު ދިޔައީއެވެ. އިރުކޮޅަކުން ކަރަންޓު އައުމުން ކޮޓަރީގެ އެއްވެސް އިލެކްޓްރޯނިކް އެއްޗަކަށް ކަރަންޓެއް ނުލިބުނެވެ. އެސަކަރާތުގައި އުޅެނިކޮށް އަނެއްކާވެސް ކަރަންޓު ދިޔައީއެވެ. މިގޮތަށް ތަކުރާރު ވަމުން ދިޔައިރުވެސް އިންޖީނުގެއިން ރައްޔިތުންނަށް ވެގެން އުޅޭ ގޮތެއް ނޭނގުމަކީ މައްސަލައެކެވެ. ސަރުކާރާމެދު ނަފްރަތު އުފެއްދުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ބެލެވިދާނެ އެވެ.

ތަކުރާރުކޮށް ކަރަންޓު ކެނޑެމުން ދިއުމަކީ ކުއްލި ހާލަތަކަށް ނުބެލެވޭނެއެވެ. އެކަން ރައްޔިތުންނަށް އަންގަން ޖެހޭނެއެވެ. އެއީ އެކަމުގެ ސަބަބުން ރައްޔިތުންގެ އަގު ބޮޑު މުދާތަކެއް ސަލާމަތް ކުރުމަށް ވެވޭ އެހީއެކެވެ. ދުރާލައި ތައްޔާރުވާން އެނގޭނީވެސް އޭރުންނެވެ.

ދެން އުފެދޭ ސުވާލަކީ ރައްޔިތުންނަށް އެކަން ވަގުތުން އަންގާނެ ވަސީލަތެއް ފެނަކައިގާ ނެތުމެވެ. ރަށު ކައުންސިލާ ގުޅައިގެން އެތަނުގެ މެެގަފޯނުން ރައްޔިތުންނަށް މެސެޖް ދޭން އުޅެފިނަމަ ވެވަށް ވެއްޓުނު ގެރިއަށް ވީހެން ވެދާނެއެވެ. އެކަމަކު އެކަން ހަމަ ވަގުތުން ރައްޔިތުންނަށް އެންގޭނެ ގޮތްތައް ބައިވަރެވެ.

ފުރަތަމަ ކަމަކީ ފެނަކަ މި ޒަމާނަށް ހޭލުމެވެ. ކެންދޫގައި ހަދާހެން ރައްޔިތުންނަށް އެސްއެމްއެސް މެދުވެރިކޮށް އަންގަންވީ ނޫންތޯއެވެ. ދިރާގާ ގުޅިގެން އެސްއެމް އެސް ސިސްޓަމެއް ގާއިމު ކުރައްވަންވީ ނޫންތޯއެވެ. އެސިސްޓަމް އޭދަފުށީގައި ސަރުކާރުގެ އެހެން ބައެއް މުވައްސަސާތަކުންވެސް ބޭނުން ކުރެއެވެ. މިސާލަކަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބެލެނިވެރިންނަށް އަންގަންޖެހޭ އެންގުންތަކަށް މި ސިސްޓަމް ބޭނުން ކުރެ އެވެ. ފެނަކައިން ވެސް މި ސިސްޓަމް ބޭނުން ކުރައްވަންވީ ނޫންތޯއެވެ. އިންޖީނަކަށް މައްސަލަޖެހޭ އިރަށް މިސިސްޓަމް މެދުވެރިކޮށް އެކަން ހިނގިގޮތް ވަގުތުން ރަށުގެ ހުރިހާ ގޭބިސީއަކަށް އަންގަން ނަގާނީ އެންމެ 30 ސިކުންތެވެ. ކަރަންޓް ކެނޑުނީ އެމަޖެންސީ ހާލަތެއް މެދުވެރިވެގެން ކަން ނުވަތަ އިތުރަށް ކަރަންޓު ކެނޑިދާނެކަން ސިސްޓަމް މެދުވެރިކޮށްދެވިދާނެއެވެ.

އަނެއް ގޮތަކީ އޭދަފުށީގައި ހިނގަމުން އަންނަ ދެ އޮން ލައިން ނޫހަށް ގުޅާލާފައި ބްރޭކިންގެ ނިއުސް އެއްގެ ގޮތުގައި ޚަބަރު ޖެހުމެވެ. މިކަހަކަ ހައްސާސީ ކަމެއްގައި އުޖޫރައަކާނުލާ އެ ދެ ނޫހުން ވެސް އެކަންތައް ކޮށްދޭނެއެވެ.

ދެން އޮތް ގޮތަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް މެސެޖް ފޯރުކޮށްދިނުމެވެ. ސަރުކާރުގެ ގިނަ މުވައްސަސާ ތަކުން އެއޮފީހެއްގެ ފޭސްބުކް އޮފިޝަލް ޕޭޖް ހަދައިގެން އެއޮފީހުގެ މުހިއްމު ލިޔުންތައް ޕޯސްޓް ކުރަމުންދާއިރު، އިންޖީނުގެއިންވެސް މިފަދަ ޒަމާނީ، އާ ގޮތެއް ތައާރަފް ކުރައްވައިގެން ރައްޔިތުންނަށް އަންގަން ޖެހޭ ކަންކަން އެންގުމަށް މި ވަސީލަތްތަކުގެ ބޭނުން ކުރައްވަން ވެއްޖެކަން އަންގައިދިނުމެވެ.

މި ރިޕޯޓު ލިއުމުގެ ބޭނުމަކީ އިއްޔެ އިރުއިރުކޮޅުން ކަރަންޓު ކެނޑިގެން ދިމާވި ދަތިތަކުގެ ވާހަކަ ދެއްކުމެއް ނޫނެވެ. ނަމަވެސް ކަރަންޓު ކެނޑޭ ކޮންމެ ހާލަތެއްގައި ރައްޔިތުންނަށް އެކަން ސާފުކޮށް އަންގައިދިނުމަށް އޭދަފުށީ އިންޖީނުގެ ނުކުޅެދިފައިވާތަން ފެންނާތީވެ ގޮތްތަކެއް ހުށަހަޅާލުމެވެ. މިހާރަށް ވުރެ ޒަމާނީ ގޮތެއް އިންޖީނުގެއިން ގެންގުޅޭން އެބަޖެހޭ ކަން އަންގައި ދިނުމެވެ. ބަވަނަ ވެފައިވާ މި ދުނިޔޭގައި އިންޖީނުގެ މިއަދުގެ ދުނިޔެއަށް ހޭލަން ވެއްޖެކަން އަންގައި ދިނުމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top