ހެނދުނު 6 ޖަހާއިރު ދުވަސްފަށާ ބ.އަތޮޅުގެ ފުރަތަމަ ސްކޫލަކަށް ކިހާދޫ ސްކޫލް

64732675_10158634585733009_3508606307915530240_n.jpg

ކިހާދޫ ސްކޫލްކުދިން ހެނދުނުގެ ކަސްރަތުގައި--ފޮޓޯ ؛މުހައްމަދު ޒުބޭރު ،އެފްބީ

ދެވަނަ ޓާމަށްފަހު ކިހާދޫ ސްކޫލްގެ ދަރިވަރުން ދުވަސް ފަށަނީ ހެނދުނު ހައެއް ޖަހާއިރު ކަމަށް އެ ސްކޫލުން ބުނެފިއެވެ.

އެއް ދަންފަޅިއަށް ކިޔަވައިދޭ ކިހާދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޒުބައިރު ވިދާޅުވީ މި ޓާމްގެ ކިޔެވުން ފެށުމާއެކު ދަރިވަރުން ހެނދުނު 6 ޖަހާއިރު ސްކޫލަށް ހާޒިރުވާން ޖެހޭ ކަމުގައެވެ. މި ގޮތަށް އަންނައިރު ފަތިސް ނަމާދު ކޮށްގެން އައުމަށް ބާރުއަޅާކަމުގައި ޒުބޭރު ވިދާޅުވިއެވެ.

“ހެނދުނު ހަޔަކުން ފެށިގެން ހަތެއް ޖެހުމާ ހަމައަށް އޮންނާނީ ކަސްރަތު. ކަސްރަތު ކުރުމަށް ދަރިވަރުން ގިނައިން ގެންދަނީ ފުޓުބޯޅަ ދަނޑަށް. އެތަނުގައި ކުރިއަށްގެންދަނީ ހޭންޑްބޯލް އާއި އެކިއެކި ކުޅިވަރުތަކުގެ ސްކިލްތަކާ ފިޒިކަލް އެކްޓިވިޓީޒްތައް. ބައެއް ދުވަސް ދުވަހު މޫދު ކަސްރަތަށް މޫދަށްވެސް ގެންދަން. ” ޒުބޭރު ވިދާޅުވިއެވެ.

ޒުބޭރު ވިދާޅުވީ ކަސްރަތު ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ގެއަށް ގޮސް ފެންވަރައި ނިމިގެން ދަރިވަރުން ސްކޫލަށް އައުމަށް ހަމަޖެހިފައިވަނީ 8 ޖަހާއިރު ކަމުގައެވެ.

“ނާސްތާ އަށްފަހު ސްކޫލްގެ ކިޔެވުން ފަށަނީ 8:20 އިން. ދިހަގަޑި ބައިގާ ދިހަ މިނިޓުގެ ބްރޭކެއްލިބޭނެ. އެގަޑީގަ ޕޭރަންޓުން ކުދިންނަށް ކޮންމެވެސް ލުއި ކާނާއެއް ގެންނާނެ. ދެން އަނެއްކާވެސް އެއްގަޑިއިރުގެ ބްރޭކެއް ލިބޭނީ މެންދުރު 12 އިންފެށިގެން. އެއީ މެންދުރު ނަމާދުކުރުމަަށާ މެންދުރު ކެއުމަށްލިބޭ ބްރޭކް.”

ޒުބޭރު ވިދާޅުވީ ހެނދުނު 8އިން ފެށިގެން 2 ޖެހުމާ ހަމައަށް ދަރިވަރުން ސްކޫލުގައި އުޅޭ ކަމަށެވެ.

މި ގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމަކީ ދަރިވަރުން ވަރަށް ޝައުގުވެރިވާ ކަމެއްކަމުގައި ފާހަގަކުރަމުން ޒުބޭރު ވިދާޅުވީ މަދު ބެލެނިވެރިއަކު މިގޮތަށް ސްކޫލްގެ ކަންތައް ކުރިއަށްގެންދާތީ ނުރުހުމުގެ ބަހެއް ބުނިކަމަށްވިޔަސް އާއްމުކޮށް ބެލެނިވެރިންވެސް ވަނީ މި އުސޫލު އުފަލާއެކު ބަަލައިގެންފައިވާ ކަމުގައެވެ.

ކިހާދޫ ސްކޫލްގެ ކިޔެވުން 2 ޖަހާއިރު ނިމުނު ކަމަށް ވިޔަސް އިތުރު ހަރަކާތްތައް 2ގެ ފަހުން ކުރިއަށް ގެންދެއެވެ. ކްލަބް އެކްޓިވިޓީސް އާއި އާއްމު ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަމަށް ކުދިން ހޭލުންތެރި ކުރުވުމުގެ ގޮތުން އިސްތިރި ކުރުމާ އެއްޗެތި ފަތްޖެހުމާ ދަތުރަށް ތައްޔާރު ވުމުގެ ގޮތުން ފޮއްޓަށް އެއްޗެތި އެޅުމާ މި ކަހަލަ ކަންކަން ހަވީރު 4 ޖަހަން ދެން ކުރިއަށް ގެންދާކަމަށް ޒުބޭރު ވިދާޅުވިއެވެ.

ކިހާދޫ ސްކޫލްކުދިންގެ އިތުރު ހަރަކާތްތަކުގެ ތެރއިން ކޭކު އަޅަންދަސްކޮށްދޭ ކޯހެއް ފުރިހަމަ ކުރުމުގައި –ފޮޓޯ : މުހައްމަދު ޒުބޭރު،އެފްބީ

ފާހަގަ ކޮށްލެވޭ ކަމެއްގެ ގޮތުގައި މިހާރު ކުރިއަށް ގެންދަބނީ ކޭކު އަޅަން ދަސްކޮށްދޭ ކޯހެކެވެ. “ބޭނުންވަނީ ސްކޫލް ނިމިގެން ދާ ކޮންމެ ކުއްޖަކީވެސް ދިރިއުޅެން ދަންނަ މަސައްކަތް ތެރި މުރާލި މީހަކަށް ހެދުން. “ޒުބޭރު ވިދާޅުވިއެވެ.

ކިހާދު ސްކޫލްގައި މިވަގުތު 114 ކުދިން ކިޔަވަމުން ގެންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top