“ކަރަންޓް ކެނޑެނީ ހަމަ އޮބިނޯވެގެން، މިއަދު މެއިން ކޭބަލެއް ބަޑިޖެހީ”

DSCN7252.jpg

ކަރަންޓް ކޭބަލް ރަނގަޅު ކުރުމުގެ މަސައްކަތުގައި ފެނަކަ ސްޓާފުން -އީވީ ފޮޓޯ

މުޅި އޭދަފުށިން އިރުއިރުކޮޅާ ކަރަންޓް ކެނޑެމުންދަނީ ހޫނުގަދަވެ އިންޖީނުތަކަށް އޮބިނޯވެގެން ކަމަށާ، މިއަދު ކަރަންޓް ދިޔައީ މެއިން ކޭބަލެއް “ބަޑިޖަހައިގެން” ކަމަށް އޭދަފުށި ވޮއިސް އަށް އެނގިއްޖެއެވެ.

އޭދަފުށިން މިދިޔަ ހަފްތާގައި ދެތިންދުވަހަކު އިރުއިރުކޮޅާ ކަރަންޓް ކެޑުމަށްފަހު އެކަން ހައްލުވީ ރައްޔިތުންގެ ޝަކުވާތައް ކޮޅުންލާފައި ވަނިކޮށެެވެ. އަނެއްކާ މިއަދު މެންދުރުފަހު ސާޅީހަކަށް މިނެޓަށް މުޅިރަށުން ކަރަންޓް ކެނޑުމަށް ފަހު ކަރަންޓު ލިބުނު ކަމުގައި ވިޔަސް ރަށުގެ ބޮޑު ބަޔަކަށް އަދިވެސް ވަނީ ކަރަންޓު ނުލިބިއެވެ. މިކަމާ ގުޅިގެން އޭދަފުށީ ބްރާންޗްގެ އިސްވެރިޔަކާ ގުޅައިގެން ސާފު މައުލޫމާތެއް ނުވެއެވެ. އޭދަފުށީ އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު އާތިފް އާއި ގުޅާލުމުން ވިދާޅުވީ އޭނާ ހުންނެވީ ޗުއްޓީގައި މާލޭގައި ކަމަށާ ސާފު މައުލޫމާތު ލިބިފައި ނެތް ކަމުގައެވެ. އަދި މިވަގުތު އޮފީސް ހިންގުމާ ހަވާލުވެ ހުންނެވީ އަންވަރު ކަމަށް ވިދާޅުވެ އޭނާއަށް ގުޅުއްވުމަށް އެދިވަޑައިގަތުމުން އަންވަރުއާ ގުޅާލުމުން އާދައިގެ މަތިން އޭނާ ފޯނު ނުނަންގަވައެވެ.

ކަރަންޓަށް ދިމާވެގެން އުޅޭ މައުލޫމާތު ރައްޔިތުންނަށް ތާޒާކަމާއެކު އީވީން ގެނެސްދިނުމަށް މިއަދު ހިންގި އޮޕަރޭޝަންގެ ދަށުން އެ އިންޖީނުގޭގެ ބައެއް އޮފިޝަލުންނާ ނުރަސްމީކޮށް ދެއްކި ވާހަކައިން އެނގުނީ މިދުވަސްވަރު އޭދަފުށިން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނަނީ ހޫނުގަދަވުމުން އިންޖީނުތަކަށް އޮބިނޯތުމާއި، ނެޓްވާކު ބަލިކަށިވެގެން ކަމަށެވެ. އޮފިޝަލް ބުނީ މިއަދު ކަރަންޓް ކެނޑުނީ ކުއްލިއަކަށް މެންދުރުފަހު މެއިން ފީޑަރެއްގެ މައި ކޭބަލް “ބަޑިޖަހައިގެން” ކަމަށެވެ.

“އިންޖީނުތައް މިބަހައްޓަނީ ގިނަވަގުތު ތިން އިންޖީނު ހިންގާފަ. އެހާ ހޫނުގަދަ އިންޖީނުރޫމް، ޓެމްޕަރޭޗަރު ސާޅީހުން މަތީގަ މިހުންނަނީ. މިއަދު ބަޑި މިޖެހީ ހުޅަނގު ސަރަހައްދު ވަރަށް ލޯޑުބޮޑު އޭރިއާއެއް. ކޭބަލް ހަމަ އެކީ އަނދާ ހުލިވީ”

އޭނާ ބުނީ މިހާރުވެސް މަސައްކަތް ކުރަމުންދަނީ ބަޑިޖެހި ކޭބަލްގެ ބަދަލުގައި ވަގުތީ މައި ކޭބަލެއް އަޅައިގެން މިމައްސަލަ ހައްލުކުރެވޭތޯ ކަމަށާ، އަދިވެސް ކަރަންޓް ނުދާނެކަމަށް ބުނެވެން ނެތްކަމަށެވެ.

“އެއްގޮތަކަށްވެސް ބުނާކަށްނުކެރޭނެ ކަރަންޓް ހުންނާނެއެކޭ ނުކެނޑޭނެއެކޭ، މިހާރުވެސް އިންޖީނުގޭ ޓީމް މިއުޅެނީ ބަޑިޖެހި ކޭބަލް ބައިޕާސް ކޮށްގެން ހަމަޔަކަށް އެޅުވޭތޯ.”

ކަރަންޓް ކޭބަލް ރަނގަޅު ކުރުމުގެ މަސައްކަތުގައި ފެނަކަ މުވައްޒަފުން -އީވީ ފޮޓ

އޭދަފުށީގެ ކޭބަލް ނެޓްވާކް ބަލިކަށިވުމުގެ މައްސަލައަކީ މީގެ ފަސްވަރަކަށް އަހަރުކުރީއްސުރެ އާންމުކޮށް ދެކެވެމުން އަންނަ ވާހަކައެކެވެ. އަދި 2017ވަނަ އަހަރު ފަހުކޮޅު ފެނަކަ ހެޑްއޮފީހާ ހަވާލާދީ ބ. ރީޖަނަލް އޮފީހުން ބުނެފައިވަނީ 2018 ވަނައަހަރު އޭދަފުށީގައި ހައިވޯލްޓޭޖް ކޭބަލް ނެޓްވޯކެއް ގާއިމްކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް މިކަމާބެހޭ އިތުރު ހަބަރެއް އާންމުވެފައެއް ނުވެއެވެ.

އޭދަފުށީގައި ބޭނުންކުރާ ކަރަންޓް، އިންތިހާއަށް މަތިވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ހާއްސަކޮށް ހޫނު މޫސުމާ ދިމާކޮށް ކަރަންޓް ކެނޑުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މިދިޔަ އަހަރުގެ ހޫނުމޫސުމުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވުމާ ގުޅިގެން އޭދަފުށީ އިންޖީނުގޭގެ މެނޭޖަރ އަހްމަދު އަންވަރު އޭރު ވިދާޅުވީ އިންޖީނުގޭގައި ހުރި ކެޕޭސިޓީން މިރަށަށް ފުދޭ ވަރު ނުވާކަމާއި މިކަން ވެރިންގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނެސްފައިވާ ކަމުގައެވެ. އޭގެފަހުން މިދިޔަ އަހަރު 800ކވ އިންޖީނެއްވެސް އޭދަފުށީގައި ވަނީ ބަހައްޓާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top