އާއްޓޭގެ ފަހުބަސް: ރައްޔިތުން ވިސްނަވާ ! ހުއްޓިހުންނާނީތޯ ނުވަތަ ކުރިޔަށްދާނީތޯ ؟

DSCN7209.jpg

ރައްޔިތުން ވިސްނަވަންވީ ދެންވެސް ހުއްޓިހުންނާނީތޯ ނުވަތަ ކުރިޔަށްދާނީތޯ، މިއީ އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް މަޖިލީހުގެ އޭދަފުށީ ދާއިރާއަށް ކުރިމަތި ލައްވާފައިވާ އަހްމަދު އާރިފް ކުރައްވަން ބޭނުންވާ ސުވާލެވެ. ވިސްނަވާފައި ޖަވާބުދެއްވުމަށް އެދިވަޑައިގަތެވެ.

އޭނާ ވިދާޅުވީ މި ދާއިރާގެ ތިން ރަށުގެ ރައްޔިތުން 10 އަހަރުގެ ތަޖްރިބާއަށް ބަލާއިރު މާޒީގެ މޫނުބަލާ ލޯގަނޑުން ނިކަން ސާފުކޮށް ހާލަތު ފެންނަން އެބައޮތް ކަމުގައެވެ.

“ތިމާގެ އުމުރުން 10 އަހަރު ދުވަސް ވޭތުވެގެންދާއިރު ބޭނުންވާކަމެއް ހާސިލުނުވެ ދިއުމަކީ މައްސަލަ އެއް. ތިމާ ދިރިއުޅޭ ރަށަށް 10 އަހަރު ފާއިތުވެގެން ދިއުން މައްސަލައަކަށް ނުވެދާނެ. ބިންގަނޑު އޮންނާނެ. ފެންގަނޑު އޮންނާނެ. ގޮނޑުދޮށަށް ރާޅު ޖަހާނެ. ނަމަވެސް މި ތަންތަންވެސް އާރާސްތު ނުކުރެވި ތަރައްގީ ނުކުރެވި ހިނގައްޖެނަމަ އެއީ މައްސަލައެއް .ދިރިއުޅޭ ރަށް ނުވަތަ ވަޒަން އެބަޖެހޭ ތަރައްގީ ކޮށް ވިހިވަނަ ގަރުނުން 21ވަނަ ގަރުނަށް ބަދަލު ވާން.”

އާއްޓޭ ވިދާޅުވީ މަޖިލިސް އިންތިޚާބަކީ އެކަމަށް ލިބޭ ފުރުސަތެއް ކަމުގައެވެ. ވޯޓަކީ ތިމާގެ ދިރިއުޅުން ބައްޓަން ކުރުމަށް ތިމާއަށް ލިބިދޭ އެންމެ ބޮޑު ހައްގު ކަމަށް ވާއިރު ތަރައްގީ ވެގެން ދަރިންގެ ދަރިންނަށް ފުރުސަތުތައް ހުޅުވާލަ ދޭނީތޯ ނޫނީ ތިބި ގޮތުގާ އަދިވެސް ތިބޭނީތޯ މިއީ ދާއިރާގެ ރައްޔިތުން ނިންމަވަން ޖެހޭ މުހިއްމު ނިންމުމެކެވެ.

“އަޅުގަނޑުމެން މާޒީ ތެރޭގަ އުޅެފައިވަނީ ޑިމޮކްރަޓިކް ވެލިއުސް ނެތް ނުވަތަ ޝޫރާގެ މަތިވެރި ރިސާލާތަށް މުޅިން ތަބާ ވެފައިވާ ގޮތަކަށް ނޫން. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް މިވަނީ އެމިނިވަން ކަން ލިބިފަ. ވީމާ ދާއިރާގެ ރައްޔިތުންނަށް ދަންނަވަން އޮތް ވާހަކައަކީ މި ފުރުސަތުގަ ބޭނުން ކުރައްވާށޭ.”

އާއްޓޭ ވިދާޅުވީ ދާއިރާއަށް ބޭނުންވާ ވަރަށް މުހިއްމު ތަރައްގީގެ ކަންތައްތަކެއް އެބަހުރި ކަމަށާ އޭގެތެރޭގައި މާޅޮހާ ހިތާދޫގެ ފެނާއި ނަރުދަމާ ނިންމަން ޖެހުމާ މި ދެރަށުގެ ބަދަރުވެސް ތަރައްގީ ކުރަން ޖެހިފައިވާ ކަމުގައެވެ. މި ދެރަށުގެ ހެލްތް ސެންޓަރއާއި އެކު ކުދިންނަށް ތައުލީމު ދެވޭ ފެންވަރުވެސް މިހާރު ހުރި ފެންވަރަށް ވުރެ ރަނގަޅު ކުރަން ޖެހިފައިވާ ކަމުގައެވެ.

އޭނާގެ ވާހަކައިގާ އޭދަފުއްޓާމެދު ވިދާޅުވީ އޭދަފުއްޓަކީ އަތޮޅުގެ ވެރިކަން ކޮށްފައިވާ ރަށް ކަމަށްވެފައި އަދި މިހާރު އަތޮޅުކައުންސިލް ހިންގަމުން އަންނަ ރަށް ކަމަށްވާތީ އޭދަފުށި އޮންނަންޖެހޭނީ ތަރައްގީގެ ރޮނގުން ވަރަށް ކުރީގައި ކަމުގައެވެ. “މިއަދު މި ދައްކަނީ ތާރު އެޅުމުގެ މަޝްރޫއު ފަށާ ވާހަކަ ހަގީގަތުގައި ވޭތިވެ ދިޔަ ތަނުގައި ތާރުއަޅާފައި އޮތްނަމަ މިއަދު ދައްކަން ޖެހޭނީ އެބުނާ 18 މަގުގެ އިތުރުން ދެން ހުރި މަގުތަކުގައި ތާރު އަޅާވާހަކަ. ކަންތައް މިހެން ހުރުމުން މިއަދު މިއޮތީ ފަސް އަހަރުދުވަހުގެ ތެރޭގައި 15 އަހަރުގެ ތަރައްގީ ގެންނަން ޖެހިފައި” އޭނާ ވިދާޅުވިއެވެ.

މިދާއިރާގެ ތަރައްގީގެ ތަސައްވަރުގެ ގޮތުގައި އާއްޓޭ ވިދާޅުވީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ދާއިރާގެ ގޮތުގައި ދެކެން ބޭނުންވާކަމަށާ މިކަމަށްޓަކާ ކެތްތެރިކަމާއެކު ވަރުބަލި ކަމެއް ނެތި ސަރުކާރުގެ ވެރިންގެ ސަމާލުކަމަށް މިދާއިރާގައި ހުރި މިކަހަލަ މައްސަލަތައް ގެނެސްގެން އަދި މަޖްލިސް ތެރެއިން އެކަމަށް ބަޖެޓް ހޯދައިގެން ތަރައްގި ކުރުމުގައި ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުންކަމުގައެވެ.

އޭދަފުއްޓަށް ބަލާއިރު ބޭނުންވަނީ ހަމައެކަނި ތާރު އެކަނި އެޅުމެއް ނޫންކަމާ މޫދަށް އެރޭ ތަނެއް ހެދުމުގެ ބޭނުންތެރިކަމާބޭހޭ ގޮތުންވެސް އާއްޓޭ ވާހަކަ ދެއްކެވިއެވެ. ވިދާޅުވީ އެއީ ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށް އެކިއެކި ބަލިބަލީގައި އުޅޭ މީހުންނަށް ނުހަނު ބޭނުންބޮޑުވެފައިވާ ކަމެއްކަމަށެވެ. ހަމައެއާއެކު އަޅުގަނޑުމެންގެ ޅަދަރިންނަށް ފަތަން ދަސްކޮށްދޭން ޖެހޭއިރު އެކަން ކުރެވޭނެ ވަސީލަތެއްވެސް ރަށުގައި ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

“އެކަށީގެންވާ ފެންވަރުގެ ހިތްގައިމު ފެރީ ޓާމިނަލެއް މަދުވެގެން 4 ފާހާނާ އާއެކު އޭދަފުށީގައި ހުންނަން ޖެހޭ. މަސްމާރުކޭޓެއް ވެސް މިރަށަކު ނެތް. ރަށު ކައުންސިލާ ގުޅިގެން ބިން ހޯދައިގެން ކުރަންޖެހޭ ކަމެއް އެއީ .ހޮސްޕިޓަލްވެސް އޮތީ ތަރައްގީއަށް ބޭނުންވެފައި .ޑޮކްޓަރުންގެ އިތުރުން އެހެންިހެން ވަސީލަތްތަކާއެކު އެތަނުގައި ކިޑްނީ ބަލީގައި އުޅޭ މީހުން ޑައިލިސިސް ހެދޭނެ ގޮތް ވީހާވެސް އަވަހަކަށް މިރަށުގައި ގާއިމުކުރަން ޖެހޭ. މިދާއިރާގައ ޑައިލިސިސް ހަދާ މީހުން އެބަތިބި. އެމީހުން މާލެއަށް ދިއުމުން ހަރަދުތައް ބޮޑުވެގެން ދޭ. މިކަންކަން އަޅުގަނޑުމެންނަށް ކުރެވޭނީ ސަރުކާރުގެ އިސް ބޭފުޅުންގެ ސަމާލު ކަމަށް ގެނެސް އަޅުގަނޑުމެންވެސް އިޚްލާސް ތެރިކަމާއެކު ކަންތައް ތަކެއް ކޮށްގެން. ”

އާއްޓޭގެ ވާހަކަ ނިންމަވާލެއްވީ މި ދާއިރާގެ ބޭފުޅުން މާދަމާ ލައްވާ ވޯޓަކީ ސްލިޕްވޭގަ އޮޑި ބާއްވާނީތޯ ނުވަތަ އޮޑި ބާލައިގެން މާކަނޑުގައި ހަލުވި ސްޕީޑެއްގައި ދުއްވާނީތޯ ދާއިރާގެ ރައްޔިތުންނާ ސުވާލު ކުރައްވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top