ދާއިރާގެ ގޮނޑި . ރައްޔިތުންގެ ފަރާތުން އަރުވާ ވެދުމެއް !؟

DSC0052-Pano-1024x706.jpg

ފޮޓޯ -މަޖިލިސް.އެމްވީ

ބަދަލަކަށް ބޭނުންވާ ވާހަކައާއި ތެލިތައްޓަށް ވޯޓު ވިއްކާ ވާހަކަ ދެކެވެމުންދާ ދުވަސްވަރެއްގައި މިވާހަކަ ދައްކާލާ ހިތްވީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތާރީޚު ފެށުނީއްސުރެ 2000ގެ އަހަރުތަކާ ހަމައަށް އައިއިރުވެސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއާމެދު ބަލަމުން އައީ ،އަތޮޅުގެ ރައްޔިތުން އަރުވާ ވެދުމެއްގެ ގޮތުގައެވެ. ޝަރަފްވެރި ގޮނޑިއެއްގެ ގޮތުގައެވެ. މި ބަހުގެ ހެއްކަކީ ބ.އަތޮޅުގައި މަޖިލިސް މެންބަރުކަން ކޮށްފައި އޮތީ މާލޭގެ އިއްޒަތްތެރިންނާއި އަތޮޅުގެ ގަދަރުވެރިންނެވެ. ނުވަތަ އަތޮޅުވެރިންގެ ރުހުން ލިބިފައިވާ އަތޮޅުވެރިން ހުށަހަޅާ މީހަކެވެ. ރައްޔިތުންގެ ވާޖިބަކަށް ވެފައި އޮތީ އެބޭފުޅަކަށް ވޯޓު ދިނުމެވެ. މެންބަރުގެ ކުރައްވަން ޖެހޭހައިވެސް ކަމަކިީ ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ދިނުމެވެ. ހަގިގީ މަސްއޫލިއްޔަތު އޮތީ ކަރުދާހުގައި ލިޔެވިފައިވާ ފޮޅުވަތްތަކެއްގެ ގޮތުގައެވެ.

2004 ވަނައަހަރާ ހަމައަަށް މިކަން ހިނގަމުން އައީ މި މަގުންނެވެ. ބ.އަތޮޅުގެ އިއްޒަތްތެރި މެންބަރު ޢަންބަރީ އަބްދުއްސައްތާރު އާއި އަހްމަދު ޚަލީލުއަށް ފަހު މަޖިލިސް މެންބަރުންނަކީ ގަނެވިއްކުމުގެ ބާޒާރުގައި އެންމެ އަގުހުރި މުދަލަށް ވެގެން ދިޔައެވެ. ބ.އަތޮޅުގައި މިކަން ފުޅާ ދާއިރާއެއްގައި ފަށާފައިވަނީ އަހުމަދު ތަސްމީން އަލީއެވެ. އޭނާ 2004ވަނަ އަހަރު ބ.އަތޮޅުގެ މެންބަރުކަމަށް ކުރިމަތި ލައްވައި އަތޮޅު ރައްޔިތުންނަށް ފައިސާ ދީގެން ވޯޓު ގަތުމުގެ ކުޅިވަރު ފެށީ ފާޅުގައި ރޯމާ ދުވާލު އެންމެންގެ ކުރިމަތީގައެވެ. އެފަހަރު ފަސޭހަ ކަމާއެކު އިންތިޚާބު ކާމިޔާބު ކުރެއްވިވެސް މެއެވެ. ޖެހިގެންއައި ދައުރު ނުވަތަ 2009 ވަނަ އަހަރު 5000 ރައްޔިތުންގެ ކޮންމެ އާބާދީއަކީ ދާއިރާއެއްގެ ގޮތުގައިކަނޑައަޅައި ބ.އަތޮޅު ތިން ދާއިރާ އަކަށް ބެހި ތަސްމީނު ކެންދޫ ދާއިރާއަށް އަދި އޭނާގެ އެއްބަފާ ކޮއްކޮ އިމްރާން އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވައި އަނެއްކާވެސް ކުރީ ދައުރުގައި ކުޅުނު ކުޅިގަނޑު ތަކުރާރު ކުރިއެވެ. އެހެންނަމަވެސް އިމްރާން އާ ވާދަކުރުމަށް އޭދަފުށީ ދާއިރާއަށް އަލަށް ނުކުންނެވި އަހުމަދު ސަލީމު ބަލިކުރެވޭ ގޮތެއް ނުވިއެވެ. ދަގަނޑު ކެނޑޭނީ ދަގަނޑުން ކަމުގައި ބުނާ އުސޫލުން ސަލީމު އިމްރާނުއާ ވާދަކުރެއްވައި ކާމިޔާބު ކުރެއްވިއެވެ.

މިއި އާ ޒަމާނެއްގެ ފެށުމެވެ. މަޖްލިސް މެންބަރުންނަކީ ސަރުކާރު ބޭނުންވާ ގޮތަށް އަތުރާލެވިފައިވާ ރާޒުވާ ކުޅިބައެއްގެ ގޮތް ކެނޑި ޕާޓީ ސިސްޓަމާއެކު ޕާޓީ ބޭނުންވާ ގޮތަށް ވޯޓުލުމުގެ ނިޒާމު ތައާރަފް ކުރެވުނީއެވެ.

މިހާރުގެ ހާލަތަށް ބަލާއިރު މުޅި ރާއްޖޭގައިވެސް ވޯޓު ގަތުމާއި ވިއްކުމުގެ ބާޒާރު އެބައޮތެވެ. ސަރުކާރުންވެސް ވޯޓު މޫސުމުގައި ސަރުކާރު ޕާޓީއަށް މެޖޯރިޓީ ހޯދުމުގެ ގޮތުން ނުދައްކާކަ ވާހަކައެއް ނެތެވެ. އެންމެ ހެއްވާކަމަކީ ރިޝްވަތޭ ހަރާން ކަމެކޭ އެންމެ ބާރަށް ވިދާޅުވާ ބޭފުޅުންވެސް މި ހުތުރު އަމަލުގައި ބައިވެރިވާތީއެވެ. އިންތިޚާބެއް ނިމޭއިރު ކެންޑިޑޭޓެއްގެ އަތުން ޚަރަދުވާނީ ކިހާ ވަރެއްކަން ސީދާ ބުނަން ނުކެރުނަސް އިވޭ އަޑުތަކަށް ބަލާއިރު މިލިޔަނުން ގުނާލެވޭނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.

ސުވާލަކީ މި ނިޒާމު މިގޮތަށް މަސައްކަތް ކުރަމުން މިހާ ހިސާބަށް އައިއިރު ހަގީގަތުގައި ރައްޔިތުން ބޭނުންވާ ގޮތަށް ދާއިރާ ތަމްސީލު ކުރީ ކާކު ހެއްޔެވެ. ރައްޔިތުންނަށް ކުރީ ކޮން ފައިދާއެއް ހެއްޔެވެ. ތެލި ތައްޓާއި ބަދަލެއްގެ ވާހަކަ މިއަދު ދައްކަން މި ޖެހެނީ އަނެއްކާވެސް ވޯޓު މޫސުން އައުމާއެކުގައެވެ.

އެމްޕީސަލީމުއަށް 10 އަހަރުން ކޮށްދެވުނީ ކޮން ކަމެއްހޭ އަހަން ޖެހެނީ މިއަދު ހެއްޔެވެ. ނޫނީ އެއީ ހަމަ  އަސްލުގައިވެސް ރައްޔިތުން ކުރިމަތި ކުރުވާ ސުވާލެއް ހެއްޔެވެ. ނޫނެކެވެ. އެސުވާލު ކުރަން ޖެހޭނީ ރަށްރަށުގެ ކައުންސިލު ތަކުންނެވެ. ރައްޔިތުންގެ ބެލެނިވެރި ފަރާތަކީ އެއީއެވެ. އެއީ ރައްޔިތުންގެ ސުވާލެއް ނޫނެވެ. އެކަމަކު އެއީ ސަލީމުއާ އިދިކޮޅަށް ބޭނުން ކުރާ ހަތިޔާރެކެވެ. ރައްޔިތުމީހާގެ ހަގީގަތް މިއަދުވެސް އޮތީ އެންމެ ކުރިންވެސް އޮތްގޮތަށެވެ. ބަދަލުވެގެން ދިޔައީ ވެރިކަމުގެ ފަރާތުން ވަކި މީހަކަށް ވޯޓުލާން އަންގާ އެންގުމެވެ. ރައްޔިތުމީހާގެ ގާތަށް މިހާރު އަންނާނީ ކެންޑިޑޭޓެވެ. ވޯޓު ހޯދަން އަންނަ ކެންޑިޑޭޓް ގާތު މަދު މީހަކު ފިޔަވައި ސަރުކާރުން ފުއްދައިދޭން ޖެހޭ އަސާސީ ޚިދުމަތާއި ދާއިރާގެ ތަރައްގީގެ ވާހަކައެއް ނުދައްކައެވެ. އެހެން ނޫންނަމަ ސަލީމުގެ ފަސް އަހަރު ނިމި އާ ދައުރެއް ސަލީމުއަށް ދިނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ސަލީމަކީ ސަރުކާރާއި ދާއިރާގެ ރައްޔިތުން ގުޅުވައިދޭ މެދުވެރިޔާ ކަމަށް ވީ ހިނދު ދާއިރާގެ ތަރައްގީއަށާއި ދާއިރާގެ ކުރިމަގަށް މަސައްކަތް ތަކެއް ކޮށްދީފައިވާތީ އާއެކުގައެވެ. އެކަމަކު އެކަންކަން ސަލީމު ކޮށްދެއްވާފައިވަނީ ރައްޔިތުންގެ އެދުމަކަށް ނޫނެވެ. މީގެ މާނައަކި ކައުންސިލުތަކުން އެކަންކަމަށް ބާރު ނާޅާ ވާހަކައެއް ނޫނެވެ. ސަލީމު ދެވަނަ ދައުރަކަށް ރައްޔިތުން އިންތިޚާބު ކޮށްފައިވަނީ ސަލީމުގެ މަގާމުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމުގެ އިތުރުން ވަކި ފަރުދުންނާއި ޖަމާއަތްތަކަށް ޚަރަދު ކުރުމުގައި ދާއިރާގެ ރައްޔިތުންގެ އޭޓީއެމް އަކަށްވެސް ވުމުންނެވެ.

ވިސްނާލަމާ ހިނގާށެވެ. މި ދާއިރާގައި ވާދަ ކުރަނީ ތިން ޕާޓީންނެވެ. ޕީޕީއެމް ކޯލިޝަން އާއި އެމްޑީޕީ އަދި ލޭބަރ ޕާޓީއެވެ. ޕީޕީއެމް ކޯލިޝަން ގެ ޚާއްސަ މެނިފެސްޓޯއެއް ނެތެވެ. ލޭބަރ ޕާޓީއާއި އެމްޑީޕީ އިން މެނިފެސްޓޯއެއް އެބަ ގެންގުޅެއެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައްޔިތުންނަށް ވިއްކޭތޯ އުޅޭ މެނިފސްޓޯއަކީ އެޖެންޑާ 19 އެވެ. އޭގައި ޖަޒީރާ ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ނުކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް އެމްޑީޕީ އިން ބުނެއެވެ. އެކަމަކު އެއަށް ފާޑުކިޔާ މީހުން ބުނަނީ އެޖެންޑާ 19ގެ އެންމެ ބޮޑު އެއް ބޭނުމަކީ މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން އެމްޑީޕީ ނުވަތަ ކުރީގެ ރައީސް ނަޝީދު ބޭނުންވާ ނުރައްކާތެރި ކަންތައްތަކެއް ހާސިލު ކުރުމެވެ. އެއީ އިންޑިއާ ބޭނުންވާ ކަންތައްތަކެއް ކޮށްދިނުމަށް ދުރާލާ ރާވައިގެން ހަދާފައިވާ ޕްލޭންގެ ފުރަތަމަ ބާބެވެ.

ދަންނަވަންތޯއެވެ. ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއިބެހޭ ގަރާރެއް އދ.އިން ފާސް ކޮށްފައި އޮވެއެވެ. އެއީ ނޮވެމްބަރ 88ގެ އުދުވާނީ ހަމަލާއަށް ފަހު ރާއްޖެ އިސްނަގައިގެން ކުރި މަސައްކަތެއްގެ ނަތީޖާއެވެ. މި ގަރާރުގައިވާ ގޮތުން ކުޑަގައުމަކަށް ކުރިމަތިވާ މިފަދަ ނުރައްކާތެރި ހާލަތެއްގައި ވަކި ގައުމަކުން އެހީހޯދުމުގެ ބަދަލުގައި އެގައުމަކުން އެހީއަށް އެދޭނީ އދ. ގައެވެ. މިސާލަކަށް ޓެރަރިސްޓް ހަމަލާއެއް ދިވެހިރާއްޖެއަށް ކުރިމަތިވެ މިނިވަންކަމާއި ސިޔާދަތަކަށް ނުރައްކާވާ ހާލަތެއް އަތުއްވެއްޖެނަމަ އދގެ ބާރެއް ރާއްޖެއަށް ފޮނުވުންފަދަ ކަންކަމުގައެވެ. މި ފަދަ ހާލަތެއްގައި އިންޑިޔާ ނުވަތަ އެމެރިކާ ސިފައިން ވިޔަސް އެމީހުން ރާއްޖެ އަންނާނީ އދގެ މެންޑޭޓުގެ ތެރެއިން އދ.އިން ފޮނުވައިގެންނެވެ.

މި ގަރާރު މިހެން އޮއްވާ ދިވެހި ރާއްޖެއިން މިއަދު ގެންގުޅޭ އަސްކަރީ ނުރައްކާތެރި ސިޔާސަތާމެދު މިއަދު ފުންކޮށް ވިސްނަން ޖެހެއެވެ. އަޅުގަނޑުމެންފަދަ ޖަޒީރާ ގައުމެއްކަމަށްވާ ސީޝެލްސްއިން ދާދިފަހުން އިންޑިޔާއާއެކު އަސްކަރީ އެއްބަސްވުމެއް ހަދަން އުޅުނެވެ. ނަމަވެސް އެކަމުގެ ނުރައްކާތެިކަން ވިސްނިގެން އެންމެ ފަހުން އެކަން ވަނީ ދޫކޮށްލާފައެވެ. ދިވެހި ރާއްޖެއިން މިއަދު އިންޑިޔާއާއެކު ހަމަ އަސްކަރީ އެއްބާރުލުމުގެ އެއްބަސްވުމުގައި ސޮއިކުރަން އެއޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މަޖިލީހުގައި މިއަދު މަޑުޖެހިފައި އޮތަސް އެމްޑީޕީއަށް މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތު ލިބުމާއެކު އެހުށަހެޅުން އޮތްގޮތަށް ފާސްކުރާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު،  އެޖެންޑާ 19ގެ ނަން ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ކަށި ހިތްވަރު ނަގާފައި މަސައްކަތް ކުރަމުން އެގެންދަނީ ސީދާ އެބޭނުމުގައެވެ.

ވޯޓުލާ މޫސުމުގައި ރައްޔިތުންގެ ބޮލަށް ސީދާ މަންޒަރު ވެއްދުމުގެ ބަދަލުގައި މުޅިން އެހެން ވާހަކައެއް ދައްކައިގެން ރައްޔިތުންގެ ސިކުނޑިތައް ޚަރާބު ކުރުމަކީ ފަހަކަށްއައިސް ރާއްޖެއަށް އަލަށް ތައާރަފް ކުރެވުނު ކަމެކެވެ. މަޖިލިސް މެންބަރުންނާމެދު ގައުމީ ނަޒަރަކުން ބެލުމުގެ ބަދަލުގައި އަދިވެސް ގިނަ ރައްޔިތުން ގަބޫލު ކުރަނީ މަޖިލީހުގެ ގޮނޑިއަކީ ރައްޔިތުންގެ ފަރާތުން އަރުވާ ވެދުމެއްގެ ގޮތުގައެވެ. އެއީ އެބޭފުޅުންގެ ފަރާތުން ދާއިރާގެ ތަރައްގީއަށް ކަމެއް ކޮށްދޭނެ ކަމަށް ބަލާފަ އަރުވާ ވެދުމެއް ނޫނެވެ. ނުވަތަ ޚުދު އެމީހެއްގެ އަމިއްލަ އެދުމެއް އޮވެގެންވެސް އަރުވާ ވެދުމެއްވެސް ނޫނެވެ. އޭނާ ވޯޓުލީ އޭނާއަށް ފުއްދައިދިން އަމިއްލަ ބޭނުމެއްގެ ބަދަލުގައެވެ. ނޫނީ ވަކި ކަމެއް ބޭނުންނުވި ނަމަވެސް މީހަކު ކަމަކަށްއެދުނީތީވެ އިންސާނިއްޔަތަށްޓަކާ ކޮށްދެވޭ ހެޔޮ ކަމެއްގެ ހަމަޖެހުން ހޯދާށެވެ. ތެލިތަށީގެ ވާހަކައާއި ބަދަލެއްގެ ވާހަކަ ދައްކަމުން އެ ގެންދަނީ ރައްޔިތުންގެ ވިސްނުން ޚަރާބުކުރުމުގެ ގޮތުންނެވެ. ވޯޓުގެ މިސްރާބު އޮޅުވާލުމުގެ ގޮތުންވެސް މެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top