އޭދަފުށި ދާއިރާގެ ރައްޔިތުން ސަލީމު ނޫން މީހަކަށް ވޯޓް ލައްވަން ޚިޔާލުވެސް ނުކުރައްވާ! -ރައީސް ޔާމީން

ބޮޑުޖަލްސާ.jpg

އެމްޕީ ސަލީމުގެ ކެމްޕޭން ޓީމްގެ ފަރާތުން ރޭ އޭދަފުށީގައި ބޭއްވި ބޮޑު ޖަލްސާ

އޭދަފުށީގެ ދާއިރާގެ ރައްޔިތުން މި ފަހަރު އެއްގޮތަކަށްވެސް އެހެން މީހަކަށް ވޯޓްލައްވަން ޚިޔާލުވެސް ނުކުރައްވުމަށާއި މިދާއިރާގެ ކޮންމެ ރައްޔިތަކަށް ވެސް ދާއިރާގެ ކުރިމަގަށް ޓަކާ ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަމަކަށް ވާނީ ދާއިރާއަށް ޕީޕީއެމް ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ އަހުމަދު ސަލީމަށް ވޯޓުލުން ކަމުގައި ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ސަލީމްގެ ކެމްޕޭން ޓިީމުގެ ފަރާތުން އޭދަފުށީގައި މި ދާއިރާގެ ތިން ރަށް ބައިވެރިވި ބޮޑު ޖަލްސާ އަށް އެމަނިކުފާނު އޯޑިއޯ މެދުވެރިކޮށް ދެއްވި ޚިތާބެއްބައެވެ .

ރައީސް ޔާމީން ވިދާޅުވީ އަަޅުގަނޑުމެންގެ ކުރިމަގު އުޖާލާ ކުރަން ހަމަ ކޮންމެ މީހަކުވެސް ފަރުދީ ގޮތުން ނާއި އަޅުގަނޑުމެން އެންމެން ހިމެނޭ މުޖުތަމައަށް ކޮންމެ ރައްޔިތަކަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއަކަށް ވާނީވެސް މި ވޯޓު މިފަހަރު ސަލީމަށް ލައިދެއްވުން ކަމަށެވެ.

“ތިޔަ ބޭފުޅުންގެ މި ވޯޓަކީ ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމަށް ޓަކާ، އަމާން ރާއްޖޭއަކަށް އަލުން އަނބުރާ ހެދުމަށްޓަކާ، ނާމާންކަމުގެ ތެރެއިން ނުކުތުމަށް ޓަކާ އަޅުގަނޑުމެން ކުރާ މަސައްކަތަކަށް ވާން ޖެހޭ. އެހެންކަމަށް ވަންޏާ ޝައްކެއްްވެސްނެތް ގޮތުގައި މި ވޯޓު ދެއްވަންޖެހެނީ ސަލީމަށް. އެހެންވީމާ އަޅުގަނޑު އިލްތިމާސް ކޮށް އާދޭހާއެކު ދަންނަވާ ވާހަކައަކީ ތިޔަބޭފުޅުން މި ފަހަރު މިލައްވާ ވޯޓު ސަލީމަށް ލައިދެއްވާ!” އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމީންގެ ވާހަކަފުޅުގައި ވޭތުވެދިޔަ ދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއަށް ކުރިމަތިވި ނާކާމިޔާބީގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރިޔާސީ އިންތިޚާބު ގެއްލިގެން ދިޔައީ އަދި ޕީޕީއެމްގެ ފިކުރުގައި ތިބި އެންމެން ހިތްނޭދޭ ގޮތަށް ނަތީޖާނުކުމެގެން ދިޔައީ އަޅުގަނޑުމެންގެ ތެރޭގައި ހެދުނު ބޮޑެތި ގޯސްތަކެއްގެ ސަބަބުންކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު އެމްޑީޕީއަށް ވެރިކަން ލިބުމުން ތަންތަނަށް އަންނަ ބަދަލާ ތަރައްގީއަށް މަޑުޖެހިފަ އޮތް މިންވަރާ އަދި ގައުމިއްޔަތުގައި ހުރި ކަންކަމާމެދު އިސްކަން ނުދޭ މިންވަރާ ދީނީ ކަންކަމަށް ހުރި ހުރަސްތަކާ އިލްމުވެރިން ވާހަކަ ދައްކަން ހުރި ހުރަސްތަކާ މިކަހަލަ އެތައް ކަމެއް އަޅުގަޑުމެންނަށް މިހިރީ ފެންނަންކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

“މިދިޔަ ފަސް އަހަރަކީ ނުވަތަ ރައީސް ޔާމީންގެ ފަސްއަހަރަކީ އޭދަފުށި އެކަންޏަށް ބަލައިލިނަމަވެސް ނުވަތް ބިން ހިއްކުމުގެ ތެރެއިން ދެން އެ ހިނގައިދިޔަ ކަންތަކަށް ބަލައިލިޔަސް އެނގޭނެ މުޅި ރާއްޖޭގެ އެތައް މިތަނުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގުނު ފަސްއަހަރެއް. މިހާރު މިއޮތް ސަރުކާރަށް ހަތަރުމަސް ނިމިގެން ފަސް މަހާ ހަމައަށް މިދަނީ. ތިޔަބޭފުޅުން ވިދާޅުވެ ބައްލަވަ. މިކަހަލަ މައިގަނޑު އެއްވެސް މަޝްރޫއެއް ރާއްޖޭގެ އެއްވެސް ތަނެއްގަ މި ސަރުކާރަށް ހިންގިފަ އެބައޮތްތޯ ؟ “ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.

މިސަރުކާރުން ކުރާ ހުރިހާވެސް ކަމަކީ ކުރީގެ ސަރުކާރުގަ ތިބި މީހުން ހިފާ ހައްޔަރު ކުރުމާ އެމީހުންނަށް ދުއްތުރާ ކުރެވެން އޮތް ގޮތްގޮތުން ދުއްތުރާކުރުމާ އެކި ދާއިރާތަކުގައި ތިބޭ މީހުންނަށް ބިރު ދެއްކުންކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިން އަބަދު އުޅެން ޖެހޭނީ މިފަދަ ނާމާންކަމާ ހިތްދަތިކަމުގައެއް ނޫންކަމުގައެވެ. އެހެންވީމާ ދިވެހި ރައްޔިތުންގެ ހާލަތު ބަދަލު ކުރާނީ ދިވެހި ރައްޔިތުން ކަމަށާ މި ހާލަތު ބަދަލު ކުރަން ޖެހިފައިވާ ކަމުގައެވެ.

“ރިޔާސީ އިންތިޚާބު ގެއްލިގެން ދިއުމުން އަޅުގަނޑުމެން އަތުން ގެއްލިގެން އެދިޔައީ ވަރަށް ބޮޑު އެއްޗެއް. ދެން ދެވަނަ އަށް އަޅުގަނޑުމެން އަތުން ގެއްލިގެން ދާން އޮތް އެއްޗަކީ ކުރިއަށް އޮތް ހަދުވަހުގެ ތެރޭގައި ނެގިގެން މިދާ ވޯޓު. އެހެންވީމާ ކަންކަން ރަނގަޅު ކުރުމަށް ނޫނީ ކިރިޔާވެސް އަޅުގަނޑުމެންނަށް ހަމަޖެހުމަކާ ތަސައްލީއެއް ލިބެން އޮތީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ޕީޕީއެމުން ،ޕީއެންސީން އަދި ޖުމްހޫރީ ޕާޓީން ދައްކާ މެންބަރުންނަށް ވޯޓު ލިބިގެން. ”

އެގޮތުން އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާފައިވާ އެމްޕީ ސަލީމުއާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ މި ދާއިރާއިން މިދެއްކީ މިހާރުވެސް ހުންނެވި މެންބަރު ސަލީމު ކަމަށާއި މި ދާއިރާގެ އާއްމު ރައްޔިތުންގެ ހާލަތާ ސަލީމުއާ ގުޅުން އޮތް މިންވަރު އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާ ސަލީމަކީ ވަރަށް ރަނގަޅަށް ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވާ މެންބަރެއް ކަމުގައެވެ. އެކަން މަޖިލީހުގައި އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތަކުން އެނގިވަޑައިގަންނަވާ ކަމުގައެވެ. ސަލީމު އެހުންނެވީ ޕިޕީއެމްގެ ވިސްނުމުގައި ކަމަށާ އަދި މިހާތަނަށް މަޖިލީހުގެ ތެރޭގައި ހަރަކާތްތެރިވަމުން އެގެންދަވަނީވެސް ޕީޕީއެމްގެ ސިޔާސި ފިކުރުގައިކަމަށް ވިދާޅުވެ ސަލީމުގެ އަގުހުރި ޚިދުމަތަށް ތާރީފު ކުރެއްވަމުން އެމަނިކުފާނު ކުރިންވެސް ދެންނެވި އެތައް ބައިވަރު ސަބަބު ތަކަށްޓަކާ ސަލީމުއަށް ވޯޓުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ .

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top