ޓިވެކް އިން ދަސްވެނިވުނު ކުދިންނަށް ސެޓްފިކެޓް ދީފި

big_Mske1Spq9QdZ4WEtvHIhmngTz.jpg

ޓިވެކް އިން ދަސްވެނިވުނު 44 ދަރިވަރުން -ފޮޓޯ /މުހައްަމަދު ނައުރީފް .ޕީއެސްއެމް ނިއުސް

ބ. ކިހާދޫގައި ކޯސްޓްލައިން ފައުންޑޭޝަންގެ ފަރާތުން ހިންގަމުން އަންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު، (ޓިވެކް ) އިން ދަސްވެނިވުނު 44 ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ.

އެސެންޓަރުގައި މިއަދު ހަވީރު މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިޔާތުގައި މި ދަރިވަރުންނަށް ދަސްވެނިވުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޓިވެކްގެ އެކެޑަމިކް ޑައިރެކްޓަރ ނާސިހް ޖަމާލްއެވެ.

މީގެ ތެރެއިން އިލެކްޓްރިޝަންގެ ދާއިރާއިން ލެވެލް 3ގެ ސެޓްފިކެޓް ލިބިފައިވަނީ 12 ކުދިންނަށެވެ. އިންޖީނު މަރާމާތު ކުރުމުގެދާއިރާއިން 17 ކުދިން ނަށެވެ. އަދި އެއަރ ކަންޑިޝަން ރެފްރިޖަރޭޝަންގެ ދާއިރާއިން 15 ކުދިން ސެޓްފިކެޓް ހާސިލްކޮށްފައިވެ އެވެ.

ދަސްވެނިވުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކި ގޮތްގޮތުން އެސެންޓަރަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ދެއްވާފައެވެ. . ހަނދާނީ ފިލާތައް ހަވާލުކޮށްދެއްވީ ކޯސްޓްލައިން ފައުންޑޭޝަންގެ ރައީސާ ޝަބީނާ އަޙްމަދު މަނިކާއި، ކޯސްޓްލައިންގެ ޑައިރެކްޓަރ ހުސައިން މުހައްމަދުގެ އިތުރުން ޓިވެކްގެ އެގްޒެކެޓިވް ޑައިރެކްޓަރ މުޙައްމަދު ނަޒީފް އެވެ.

ކޯސްޓްލައިން ފައުންޑޭޝަން އިން ބ.ކިހާދޫ ގައި ހިންގާ މި މަރުކަޒުގެ ކިޔެވުން ބޮޑަށް  އަމާޒު ކޮށްފައި ވަނީ، ރަސްމީ ތައުލީމު ނުނިންމާ ނުވަތަ ސެޓްފިކެޓެއް ނެތް ޒުވާނުންނަށެވެ. އެގޮތުން މިހާރު ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިންގަމުން ދިޔަ ނަމަވެސް ކުރިމަގުގައި އެޑްވާންސް ސެޓްފިކެޓްގެ ކޯސްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓިވެކް އިން ވިދާޅުވެ އެވެ.

އެ ސެންޓަރުގެ ނިމިދިޔަ ފުރަތަމަ ބެޗްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ހިސާބުތަކުން 100 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި އިރު، އިންޓަވިއުކޮށް ހޮވާފައިވަނީ 50 ދަރިވަރުންނެވެ. ނަމަވެސް ކޯސްޓްލައިން ފައުންޑޭޝަންގެ އަމާޒަކީ 200 ދަރިވަރުންނަށް އެއްފަހަރާ ކިޔެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ސެންޓަރުން ކިޔަވާ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ. 200 ކުދިންގެ ޖާގައިގެ ކެމްޕަހެއްވެސް މި ސެންޓަރުގައި ހުންނައިރު މިކެމްޕަހުގައި ދަރިވަރުންނަށް ކެއުން ވެސް ހަމަޖައްސައިދޭނީ ހިލެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top